މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު އެތަނަށް ލިބުނު ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ ބޮޑުކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް އޮޑިޓްކޮށް، އޮޑިޓް އޮފީހުން ނެރެފައިވާ މާލީ ރިޕޯޓުންނެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސްޕޯޓްސް ކޯޕަރޭޝަން މިސަރުކާރުން އުވާލުމާ ހަމައަށްވެސް އެ ކުންފުނި ހިންގަމުން ދިޔައީ ސަރުކާރުން ދެމުންދިޔަ މާލީ އެހީއަށް ބަލައިގެން ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު 4.9 މިލިއަން ރުފިޔާ ގެއްލުންވިއިރު 2024 ވަނަ އަހަރު 3.9 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ސްޕޯޓްސް ކޯޕަރޭޝަނަށް ލިބިފަ އެވެ. އެއާއެކު ކުންފުނި އުފެއްދުމާ ހަމައިން ފެށިގެން އުވާލުމާ ހަމައަށް ޖުމްލަ 43.4 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ލިބިފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޅިވަރުގެ ގާނޫނުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަން އުފެއްދީ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް، މެނޭޖުކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް 2016 ވަނަ އަހަރު އުފެއްދި މި ކުންފުނި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މިސަރުކާރުން ވަނީ އުވާލާފަ އެވެ. ކުންފުނި އުވާލީ ކުޅިވަރު ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.




