ކ. ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދާތީ އެކަމުގައި ކަންބޮޑުވުންފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ކުއްލި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.
ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ވެމްކޯއިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހދ. ކުނބުރުދޫއަށް ގެންގޮސްފިނަމަ އެ އަތޮޅުގެ ރައްޔިތުންގެ ސިއްހަތަށާއި ތިމާވެށި އަދި މުޅި ސަރަހައްދުގެ ގުދުރަތީ ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
ތިލަފުށީގައި އަލިފާނުގެ ހާދިސާ ހިނގީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
އެ ހާދިސާގައި އެނދި ކުނިތައް، ހދ. ކުނބުރުދޫގައި ގާއިމުކުރަން ފަށާ އަދި ނުނިމިވާ ވޭސްޓް ޓްރާންސްފާ ސެންޓަރަށް ގެންދިއުމަށް ވެމްކޯ އިން ވަނީ ކަނޑައަޅާފަ އެވެ.
ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކުނބުރުދޫގައި ހުރި ވޭސްޓް ޓްރާންސްފާ ސެންޓަރަކީ ކުނި މެނޭޖްކުރުމުގެ އަމަލީ މަސައްކަތަށް ތައްޔާރުވެފައިވާ ތަނެއް ނޫންކަން ފާހަގަކޮށްފަ އެވެ.
ކުނި އެޅުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން ކުނިތައް ސީދާ ބިމަށް އުކާލެވުމުން އުފެދޭ ވިހަ ފެން ރައްކާތެރިކަމާއެކު ޖަމާކޮށް ނައްތާލެވޭނެ އެއްވެސް ނިޒާމެއް އެ ރަށުގައި ގާއިމުވެފައިނުވާ ކަމަށްވެސް ޒިޔާދު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޒިޔާދު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް އެކަމުގެ ސަބަބުން ދިމާވެދާނެ އެކި މައްސަލަތައް ޒިޔާދުގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
އެ ގޮތުން ކުނީގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ދަނޑުވެރިކަމާއި ގަސްގަހާގެއްސަށް އިއާދަނުކުރެވޭ ގެއްލުން ލިބިދާނެ ކަމަށް ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. އަދި މިއީ ރައްޔިތުންގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށްވެސް ބުނެފައިވެ އެވެ.
މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދިންއިރު ދެކޮޅަށް 27 މެންބަރުން ވޯޓު ދީފައިވެ އެވެ.




