ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކުމުގެ ސިޔާސަތު ހުއްޓާލުމަށް ގޮވާލާ ގަރާރެއް

"މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ގެ ނަމުގައި ބިދޭސީންނަށް ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމުގެ ސިޔާސަތު ވަގުތުން މެދުކަނޑާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ މި ޕްރޮގްރާމާ ގުޅޭ ހުރިހާ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބުނީ "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރުމަށް ސަރުކާރުން އެކުލަވައިލާފައިވާ ސިޔާސަތަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ބަދަލުގައި އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި މަސައްކަތް ބޭރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ހެންލީ އެންޑް ޕާޓްނާސް" އާ ހަވާލުކޮށްފައި ވަނީ އޭގެ މާލީ އަދި ގާނޫނީ ތަފްސީލުތައް މަޖިލީހަށާއި ރައްޔިތުންނަށް ހާމަކުރުމެއް ނެތި ކަމަށާއި މި ޕްރޮގްރާމުން ދިވެހި ދައުލަތަށް ލިބޭނެ މާލީ މަންފާއެއް އެނގެން ނެތް ކަމަށް ޝަމްހީދުގެ ގަރާރުގައި ބުނެފައިވެ އެވެ.

މިޕްރޮގްރާމްގެ ސަބަބުން ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ކަންތައްތަކެއް ފާހަގަކުރެވޭތީ މި މަސައްކަތް ވަގުތުން މެދުކަނޑާލުމުގެ އިތުރުން މިކަމާ ގުޅޭ އެއްބަސްވުންތައް ހާމަކުރުމަށްވެސް މި ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ސަރުކާރުން މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް ގާއިމްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ނޫންކަން ފާހަގަކޮށް ގަރާރުގައި ބުނީ ޖުލައި 1، 2025ގައި ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސްއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ މާލީ، ކޮންޓްރެކްޗުއަލް އަދި ޤާނޫނީ ޝަރުތުތައް ހާމަކޮށްފައި ނުވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބިނާކުރާ ވިލާތައް ވިއްކުމަށް އިޝްތިހާރު ކުރަމުންދާއިރު މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ތެރޭގައި ވަކި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިގެންވާ "ވަކި ދައުލަތެއް" އުފެދި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދައުލަތުގެ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެކަމުގެ ބިރު އޮތް ކަމަށްވެސް ގަރާރުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *