މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބެންކް އޮފް ސިލޯން (ބީއޯސީ)އާ ދިމާލުން ބަނދަރުން ބައެއް ހިއްކައިގެން ޕާކިން ޒޯނެއް ހެދުމަށް ނިންމައިފި އެވެ.
އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެކުލަވާލާފައިވާ މިމަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ބުނެފައިވަނީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގެ ބަނދަރުން ބައެއް ހިއްކާ ޕާކިން ޒޯނެއް ހެދުން ކުރިއަށްދާނެ ކަމަށެވެ.
ބަނދަރުގެ ތެރެއިން ހިއްކުމަށް ނިންމާފައިވަނީ ގާތްގަނޑަކަށް 97.574 މީޓަރު ދިގު 27.693 މީޓަރު ފުޅާ ސަރަހައްދެކެވެ.
ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ 14،465 ކޮޑިމީޓަރުގެ ވެލި ހޯދުމަށް ނިންމާފައިވަނީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއަށް މިހާރުވެސް ބޭނުންކުރަމުން އަންނަ ސްޓޮކްޕައިލް ކުރެވިފައިވާ ވެލީގެ ތެރެއިންނެވެ.
ބަނދަރުން ބައެއް ހިއްކުމަށް ނިންމާފައިވަނީ އެ ސަރަހައްދަކީ މިހާރުވެސް ޓްރެފިކް ބޮޑު ސަރަހައްދަކަށްވެފައި ގިނަ އަދަދެއްގެ ލޯންޗްވެސް ގާތްކުރާ ސަރަހައްދެއް ކަމަށްވާތީ ޕާކިންގެ އިތުރުން ދަތުރުވެރިން މަޑުކޮށްލުމަށް ފަސޭހަ އިންތިޒާމެއްް ހަމަޖެއްސުން ކަމަށް ރިޕޯޓްގައިވެ އެވެ.




