ތެލުގެ ރިޒާވް ގާއިމުކުރަން މާލެ ކައިރިން ދެ ފަޅެއް ބަލަނީ

ތެލުގެ ރިޒާވް ގާއިމުކުރުމަށް މާލެ ސަރަހައްދުގެ ދެ ފަޅެއް ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ ރިޒާވް ގާއިމު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި އެސްޓީއޯ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ތެލުގެ ރިޒާވް ގާއިމުކުރާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގޮތުން މާލެ ސަރަހައްދުގައި މި ރިޒާވް ގާއިމުކުރުމަށް ދެ ފަޅެއް ބަލަމުންދާ ކަމަށެވެ.

އެ ފަޅުތައް ބެލުމަށްފަހު އަންނަ ހަފުތާގެ ތެރޭގައި ސާވޭ ފަށާނެ ކަމަށާއި ޑިޒައިންގެ މަސައްކަތްތަކާއި ފައިސާ ހޯދާނެ ގޮތްތަކުގެ އިތުރުން ފީސިބިލިޓީ ހިމެނޭހެން ފައިނަލް ޕްލޭންއެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާނެ ކަމަށް މޫސާ ޒަމީރު ވިދާޅުވި އެވެ. އެއަށްފަހު ރައީސް ނިންމަވާ ގޮތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް އެއް އަހަރު ދުވަހަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް 150 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *