ފެނަކަ އައްޑޫ އޮފީހުގެ ކުރީގެ ވެރިންނާ ގުޅޭ ޖިނާއީ ތަހުގީގު ފަށަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާގައި އައްޑޫ ފެނަކަ ބްރާންޗު ހިންގުމާ ހަވާލުވެ ތިބި ކުރީގެ ވެރިންނަށް ޖިނާއީ ތަހުހީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަހުގީގު ކުރިއަށް ގެންދަން ފާސްކުރީ ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

އައްޑޫ ފެނަކަ ބްރާންޗު ހިންގުމާ ހަވާލުވެ ތިބި ކުރީގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ހިންގަން މަޖިލީހުން މިއަދު ފާސްކުރީ އައްޑޫ ބްރާންޗްތަކާއި ޕްރޮޖެކްޓްތަކުގެ 2023-2021ގެ އޮޑިޓް ރިޕޯޓްގައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު އެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބެލުމަށްފަހު އެވެ.

ރިޕޯޓްގައި ބުނެފައިވަނީ ފެނަކައަށް ފައިދާވާނެ ގޮތް ބެލުމެއްނެތި މަޝްރޫރުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ ފެނަކަ ކޯޕަރޭޝަންގެ އޭރުގެ ބޯޑް އޮފް ޑިރެކްޓަރުންނާއި، އިސްވެރިން ޒިންމާ ކުރުވުމަށްވެސް ކޮމިޓީ ރިޕޯޓްގައި ހިމަނާފައިވެ އެވެ.

ފެނަކަ އައްޑޫ ބްރާންޗުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށާއި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ފެނަކައަށް އެންގުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެ އެވެ.

މިމައްސަލަތައް ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރަންޖެހޭ ގޮތަށްވެސް ފާސްކޮށްފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ އެންމެ ބޮޑެތި ހިޔާނާތުގެ އަމަލުތައް ހިންގާފައިވާ އަދި އެންމެ ހާލުގައި އޮތް އެއް ކުންފުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *