ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމު ހެދުމަށް ގައުމީ މުބާރާތެއް ހުޅުވާލަނީ

ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ބަހުގެ އެކަޑަމީން ބޭއްވި އަދަބީ މުބާރާތްތަކާއި، އަތުލިޔުން މުބާރާތުގެ އިނާމު ދިނުމަށް މިރޭ ޞަލާހުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިއްމު ކަމަށެވެ. އެފަދަ ކަންކަން ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތުން ރަނގަޅު ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމާއި ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމަކީ ބައެއް މީހުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރާ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖޭން ބޭރުގައި އުޅޭ ދިވެހި އާއިލާތަކާއި ރާއްޖޭގައިވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ހާލަތްތަކުގައި ކުޑަކުދިންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލުކޮށްލަން ބެލެނިވެރީން ބޭނުންވާ ކަމަށެވެ. އެކަމަކު އެފަދަ ވަގުތަކުގައިވެސް ކުޑަކުއްޖަކަށް ދައްކާލެވޭނެ ވީޑިއޯ ނުވަތަ ގޭމް ފަދަ ދިވެހިވަންތަ ތަކެތި ނެތްކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބެލެނިވެރީން ފާޅުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ ބޭނުންފުޅުވަނީ މި ބޮޑު ގައުމީ އުދާސްތަކަށް ހައްލެއް ގެންނަވަން ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެންވީމާ އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.

އަދާބީ މުބާރާތްތަކުގައި ބައިވެރިވި ކުދިންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވީ އެ ކުދީންގެ ކިބައިގައިވާ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް އަދި އެހާމެ މަތިވެރި ނިއުމަތެއް ކަމަށްވާތީ އެކަމަށްޓަކައި ﷲއަށް ޙަމްދުކުރުމާއެކު، ވަރަށް ޒިންމާދާރުކަމާއެކީ އެ ހުނަރުތައް ބޭނުންކުރަންވާނެ ކަމަށެވެ. އެހެންވީމާ ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ލިބިފައިވާ އަދަބީ ގާބިލްކަން އަބަދުވެސް ދިވެހި ގައުމާ އެއްކޮޅަށް ބޭނުންކުރަން ރައީސް ވަނީ ގޮވާލައްވާފަ އެވެ.

"އެއީ ދީނީ ގޮތުންނާއި ގައުމީ ގޮތުން މަސްލަހަތު ހުރި ލިޔުންތައް ލިޔުން. އެ ގޮތަށް ވާހަކަދެއްކުން. ފަސާދަޔަށް ނޫނެކޭ ބުނުން. އުފެއްދުންތެރި އާ ވިސްނުންތައް ވިސްނައި ހިޔާލުތައް އާންމުކުރުން. ދޭދޭ ގައުމުތަކުގެ ގުޅުންތަކާއި ދިވެހި ގައުމުގެ ސަލާމަތާއި، އިޖުތިމާއީ އަދަބުތަކާއި ބަހުގެ ހަމަތަކަށް ފިސާރި ފަރުވާތެރިވުން. ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކޮންމެ ފޮޅުވަތެއްވެސް ލިޔުން. ކޮންމެ ވާހަކައެއްވެސް ހަގީގަތާ މަސްލަހަތާ އެއްގޮތަށް ބުނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ދިވެހި ވަތަން ދެކެ އަބަދުވެސް ހިތުގެ އެންމެ ފުންމިނުން ލޯބިވުމަށް ހުރިހާ ކުދިންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *