ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ނުވަތަ "ވާނުވާ" ބަންދުގައި ތިބި މީހުންގެ ތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ޝަރުއީ ހަމަތަކުން އަދި ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އަވަހަށް ނިންމުމަކީ އެމަނިކުފާނުވެސް ބޭނުންވާ ގޮތް ކަަމަށެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނިމެމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައި ބައްލަވަމުން ގެންދަވާ ކަމަށާއި ބަންޑާރަނައިބުގެ އޮފީހުން އެންމެ ފަހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ވާނުވާ ބަންދުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަންނަ މާޗް މަސް ނިމޭއިރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓް މަރުހަލާތައް ނިމޭނެ," ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެފަހުގައި ދެން މަސައްކަތް ކުރައްވާނީ ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ދާއިމީ ހައްލުތަކެއް ގެނައުމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލަ ހައްލުކޮށްދިނުމަށް ބަންޑާރަނައިބުގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.




