"ޑިޖިޓަލް އިކޮނޮމީގެ ހިއްސާ ބޮޑުކުރުމުގައި ޒުވާނުންގެ ދައުރު މުހިއްމު"

ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީޑީޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އިގުތިސާދު ތަރައްގީކުރުމާއި އިގުތިސާދު ސިންދަފާތު ކުރުމަކީ ރާއްޖޭގެ ތަރައްގީގައި އަދި ޒުވާނުންގެ ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ވިދާޅުވި އެވެ. އިގްތިސާދު ތަރައްގީކުރުމާއި އިގުތިސާދު ސިންދަފާތު ކުރުމަކީ ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ މަގުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަ ތިން ދާއިރާ ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ކޮންސްޓްރަކްޝަންގެ އިތުރުން ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. މި ދާއިރާގެ ތަރައްގީއަށް ވަރަށް މުހިއްމު ލަނޑުދަނޑިއެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ޑިޖިޓަލް އިކޮނޮމީ އަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީޑީޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ފުޅާކުރުމަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި

"ރާއްޖޭގައި ވަރަށް ކްރިއޭޓިވް ކުދިން އެބަތިބި. ޑިޖިޓަލް ދާއިރާގައި ކުރިއަރައިދާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިކޮށްދޭން ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މި ދާއިރާއިން 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ވަރަށް ގިނަ ކަންތައްތައް ރޭވިފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެ މުހިއްމު މަޢުޟޫއަކަށް ވެގެންދާނެ ކަމަކީ މޯލްޑިވްސް 2.0ގެ ނަމުގައި ސަރުކާރުން ފެށި ގައުމީ ޕްރޮގްރާމު ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމުގައި އިސްނަގައިގެން ޒުވާނުންގެ ބައިވެރިވުން ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައި، މޯލްޑިވްސް 2.0 އަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަގުނަ އުއްމީދީ ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ދައުރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށިގެން އަންނައިރު މޯލްޑިވްސް 2.0 އާއި ގުޅޭ ބިލްތައް ހުށަހަޅުއްވައިގެން ގާނޫނީ ބާރުވެރިކަން ދެއްވާނެކަން ފާހަގަކުރެއްވި އެވެ. އަދި ހުރިހާ އެޖެންސީތަކެއްގެ ތެރޭގައި ހުރި ހުރިހާ މައުލޫމާތެއް ގުޅޭ އެއް ވިއުގައެއް އުފެދިގެންދާނެ ކަމަށާއި އެގޮތުން މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ވިއުގައިގެ ތެރެއިން މައުލޫމާތު ނަގައިގެން ހިދުމަތް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

އަދި 2027 ވަނަ އަހަރުގެ ނިޔަލަށްދާއިރު ކޮންމެ ދިވެއްސެއްގެ އަތުގައި އޮންނަ ފިޒިކަލް އައިޑީ ކާޑަކީ ޑިޖިޓަލް އައިޑީ ކާޑަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެގޮތުން ނެޝަނަލް އައިޑީ ކާޑު ބަދަލުވެގެންދާނީ ހުރިހާ ހިދުމަތްތަކަށް ވާސިލްވެވޭ، ނެޝަނަލް ޑިޖިޓަލް އައިޑީ ކާޑަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި މއެވެ. ރައީސްގެ ވާހަކަފުޅުގައި، މޯލްޑިވްސް 2.0 އާއެކު ދާއިމީ ގޮތެއްގައި ރާއްޖޭގެ ލޭންޑްސްކޭޕް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ހިންގުމުގެ ނިޒާމާއި ސާވިސް އިންޑަސްޓްރީ، އެއްކޮށް ހައްލުވެގެންދާނެ ކަމެއްކަންވެސް ފާހަގަކުރެއްވި އެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ އެންމެން މި ނިޒާމަށް އަހުލުވެރި ކުރުމަށްޓަކައި، ޒުވާނުންގެ ވަރަށް ބޮޑު ބައިވެރިވުމެއް ބޭނުންވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޒުވާނުންގެ މުހުތާދުތައް ފުއްދަވައިދެއްވުމަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށް މި ސަރުކާރުން ކުރަމުންދާ އެކިއެކި މަސައްކަތްތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށި ހިމާޔަތްކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްސީލް މައުލޫމާތު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި ޒުވާނުން ހިއްސާކުރި އެންމެހާ ކަންބޮޑުވުންތަކާއި ހިޔާލުތަކަކީ ސަރުކާރުން އީޖާބީ ގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމުގައި ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުގެ ތެރެއިން ގެނެސްދެވެންހުރި އެންމެ ރަނގަޅު ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *