ގޮތްނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ، އެންމެ ބިނާކުރަނިވި، ދެމެހެއްޓެނިވި އަދި މާނަހުރި ގޮތުގައި މި ގައުމު ތަރައްގީކުރާނަމަ އެކަން ކުރަންޖެހޭނެ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތު މިނިސްޓްރީ ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސެގްމަންޓްގައި ރައީސް ވިދާޅުވީ ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ގައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިން ކަމަށެވެ. މާދަމާ އުޖާލާ ކުރެވޭނީ މިއަދުގެ ޒުވާނުންގެ އަޑު އަހައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނެޝަނަލް ޔޫތު ކޮންފަރެންސްގެ ހަ ގްރޫޕަކުން، ހަ ދާއިރާއެއްގެ މައްޗަށް ޕްރެޒެންޓޭޝަންތައް ހުށަހަޅައި، މަޝްވަރާތައް ކުރިއަށް ދިޔަ އެވެ. މި ޕްރެޒެންޓޭޝަންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ޕްރެޒެންޓޭޝަނެއްގައި ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކުރައްވައި އެކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހިއްސާކުރައްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ގޮތް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާ ގޮތަށް ބަލާނަމަ، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ހައްލު ގެނައުމަށްޓަކައި އެކަން މެނިފެސްޓޯގައި ހިމަނުއްވައި، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވިކަން ފާހަގަކުރެއްވި އެވެ. އަދި ދިމާވި އެކިއެކި ގޮންޖެހުންތަކާ އެކުގައިވެސް އެ ބޯޑުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުން ގެންދިޔަ ކަމަށާ، ކުރިއަށް އޮތް ތަނުގައި އެ ބޯޑުގެ މަސައްކަތް އިތުރަށް ރަނގަޅު ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒުވާނުންގެ ފަރާތުން މިރޭ ފާޅުކުރި ބައެއް ކަންކަމަށް ބަލާއިރު ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މަދު ކަމަށެވެ. އެކަންކަން ރަނގަޅުކުރުމަށް ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދިއުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ. ސްކޫލް ސިސްޓަމްގެ ތެރެއިން ގެނެވޭނެ އެކިއެކި ހައްލުތަކާއި ސްކޫލް ނިންމުމަށްފަހު ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އޭ-ލެވެލް ޕާތުވޭގެ ތެރެއަށްވެސް ވޮކޭޝަނަލް ޕާތުވޭއެއް މިހާރު ގާއިމުކުރެވިފައިވާ ކަމުގައި ވިދާޅުވި އެވެ.
ޒުވާނުން ކުރިއަރައި ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަން ނުލިބުން ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން، އެ ޒުވާނުންގެ އަމިއްލަ ރަށާއި ރިސޯޓުތަކާއި ކައިރިން ބޮޑެތި އާބާދީތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް އިސްކަންދެއްވަމުން ގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ހަމައެކަނި މާލެ ސަރަހައްދަށް އަމާޒު ކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން 800 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް އެކި ރަށްރަށުގައި ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައިވެސް، ޒުވާނުންނަށާއި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ، އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކި އިންސައްތައެއް ހާއްސަކުރެވޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ހިޔާވަހިކަމުގެ މަޝްރޫއުތަކުންވެސް ޒުވާނުންނަށާއި އަލަށް ކައިވެނިކޮށް ވަކި ދިރިއުޅުމެއް ފަށާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމުގައި ވިދާޅުވި އެވެ.




