ޅެންމުން ފަރުވާ ދިނުމަށް ރާއްޖޭގައި "ބޮޑު ދިރާސާއެއް" ހަދައިފި

އެކި މައްސަލަތަކުގައި ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ދިވެހި އަދަބިއްޔާތުގެ ދާއިރާގެ އެހީގައި ފަރުވާދިނުމަށް ނުވަތަ ޅެންތަކުގެ ޒަރީއާ އިން ފަރުވާ ދިނުމުގެ ދިރާސާއެއް ހަދާފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާއެއް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ހައްދަވާފައިވާ ކަމަށެވެ.

އެއީ ވަރަށް ބޮޑު ދިރާސާއެއް ކަމަށާއި އެ ދިރާސާ އޭނާ އަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށް ވެސް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާއެއް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ބައެއް އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ކުރަމުންނެވެ. އެކަމަކު، މިހާތަނަށް ނިމިފައި ވަނީ އޮގަރު ވަހީދު ހެއްދެވި "ބޮޑު ދިރާސާ" އެކަނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބަލިތަކަށް ހާއްސަ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފެށިކަން މިނިސްޓަރު އާދަމް ނަސީރު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

އާދަމް ނަސީރު ވިދާޅުވެފައި ވަނީ ޅެންވެރިކަމަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި އެއީ އެ އަށް ވުރެ މާ ބާރުގަދަ ހަތިޔާރެއް ކަަމަށެވެ. ތަރައްގީވެ، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ޅެންވެރިކަމަކީ މީހާގެ ނަފުސާނީ މައްސަލަތަކަށް ވެސް ފަރުވާދޭ ވަސީލަތަކަށް ވެފައި އޮންނަ ކަމަށާއި ބޭސްވެރިކަމެއްގެ ގޮތުގައި ވެސް ޅެން ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޅެމަކީ ސިއްހީ ފަރުވާދެވޭ ވަސީލަަތެއް. މިއީ ވަރަށް ކުރީއްސުރެ ދުނިޔޭގައި ހިނގަމުން އަންނަ ކަމެއް، ކުރަމުން އަންނަ ކަމެއް. ސަލާމްލެއްވި އީސާގެފާނުގެ 100 އަހަރު ކުރިން ވެސް ޅެމުން ސިއްހީ ފަރުވާދޭ ކަމަށްވޭ. އެކަމާ ބެހޭގޮތުން ހެދިފައި ހުރި ދިރާސާތައް އެބަހުރި،" މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައި ވެ އެވެ.

"އެ ދިރާސާތަކުން އެނގޭ ގޮތުގައި ސަލާމްލެއްވި އީސާގެފާނުގެ 100 އަހަރު ކުރިން ނަފްސާނީ ކަންކަމަށް ޅެންވެރިކަން ބޭނުންކޮށްގެން ފަރުވާދީފައި އެބަހުރި."

އެކި މައްސަލަތަކުގައި ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ދިވެހި އަދަބިއްޔާތުގެ ދާއިރާގެ އެހީގައި ފަރުވާދިނުމަށް ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ އެކު ވެސް މި އަހަރުގެ ކުރީކޮޅު މަޝްވަރާކުރި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *