ގޭހަށް ދެއްކި އެޑްވާންސް ފައިސާގެ މައްސަލަ އެސްއޯއީ ކޮމިޓީއަށް

ރާއްޖެއަށް ބޭނުންވާ ގޭސް ގެންނަން ދުބާއީ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ބަލައި ދިނުމަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރެވެ.

ޝާކިރުގެ ސިޓީގައި ވިދާޅުވީ ނޫސް މަޖައްލާތަކުގައާއި ސޯޝަލްމީޑިއާގައިވާ ލިޔުންތަކުގައި މޯލްޑިވް ގޭސް އިން އޮކްޓޯބަރު 2024 ގައި އޯޑަރުކޮށްފައިވާ 800،000 ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،000 ޑޮލަރާ ގުޅޭ މައްސަލައަކީ ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

އެހެންވެ އެ މައްސަލައިގައި މައުލޫމާތުތައް ހޯދައި ފުރިހަމަ ތަހުގީގެއް އެސްއޯއީ ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންގޮސްދިނުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

މީގެއިތުރުން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު، ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ބެލެވޭ ގޮތަކަށް ޕޯސްޓެއް ކުރައްވާފައިވާތީ އެ މައްސަލަވެސް ބަލައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

ދުބާއީ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި ފައިސާއަށް ލިބެންޖެހޭ ގޭސް ނުލިބޭ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *