ތަރައްގީގެ މަޝްރޫއުތައް — ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިދިޔަ އަހަރު 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ޕީއެސްއައިޕީއަށް ހޭދަކުރީ 8.6 ބިލިއަން ރުފިޔާ އެވެ.
މިއީ 2024 ވަނަ އަހަރު ޕީއެސްއައިޕީއަށް ހޭދަކުރި 11.9 ބިލިއަން ރުފިޔާއަށްވުރެ 3.2 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ޕީއެސްއައިޕީއަށް މިދިޔަ އަހަރު ހޭދަކުރަން ބަޖެޓުކުރީ 12.3 ބިލިއަން ރުފިޔާ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ. އެ ގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކުރިއިރު އެއާޕޯޓް މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައެޅީ 2.3 ބިލިއަން ރުފިޔާ އެވެ.
ބްރިޖު މަޝްރޫއަށް 923.6 މިލިއަން ރުފިޔާ ހަރަދުކުރިިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 652.5 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 574.3 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
ފެނާއި ނަރުދަމާ މަޝްރޫއުތަކަށް ހޭދަކުރީ 366.9 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ އެކިއެކި މަޝްރޫއުތަކަށް 696.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.




