ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް އެކްސްޕޯޓްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު އެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހު ބަލައިގަތުމަށް ފާސްވުމުން މި ބިލް ދިރާސާކުރަން ވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ގާނޫނުގެ 77 ވަނަ މާއްދާގައި މިހާރު އޮތް ގޮތުން އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އެއްވެސް އަމަލެއްކޮށްފި މީހަކު 5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ދީފައިވެ އެވެ.
އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި ބުނީ އެ ގާނޫނާ ހިލާފަށް، ހިމާޔަތްކޮށްފައިވާ މަހުގެ އެއްވެސް ބާވަތެއް ނުވަތަ އެފަދަ މަހެއްގެ ބައެއް ނުވަތަ އުފެއްދުމެއް އެކްސްޕޯޓް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެއް ކަމަށެވެ.
އެފަދަ ކުށެއްކޮށްފި ނަމަ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާއި ހިޔާމަތްކޮށްފައިވާ ސަރަހައްދަކުން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކޮށްފިނަމަ 500،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް ހިމަނާފައިވެ އެވެ.




