ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ ގޮތުގައި ހުންނެވި އަހުމަދު ސައީދަށް ދޭން އެ ޕާޓީން ނިންމައިފި އެވެ.
ބައި-އިލެކްޝަންގައި ޕީއެންސީ ޓިކެޓް އަހުމަދު ސައީދަށް ދޭން ނިންމީ ޕްރައިމަރީގައި އެ ޕާޓީގެ ޓިކެޓް ކަށަވަރުކުރި މުހައްމަދު ސިނާން އިންތިހާބުގައި ވާދަނުކުރުމަށް ކުއްލި ގޮތަކަށް ނިންމުމުންނެވެ. ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވީ މުހައްމަދު ސިނާން އާއި އަހުމަދު ސައީދު އެވެ.
ޕީއެންސީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކުރެއްވުމާއި އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހުޅުވާލި ވަގުތުގައި ޕާޓީގެ ޕްރައިމަރީ ބާއްވަން ވަގުތު ނެތުމުން ސައީދަށް ޓިކެޓް ދޭން ނިންމީ ކަމަށެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ގޮނޑި ހުސްވީ އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އީސީން ބައި-އިލެކްޝަން ބޭއްވުމަށް ހުޅުވާލުމާ ގުޅިގެން ޕީއެންސީގެ ޓިކެޓްގައި ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރީ ސިނާންގެ އިތުރުން އަހުމަދު ސައީދެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީވެސް ސިނާން އެވެ.
ސިނާން އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުން، މިފަހަރުގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުން އެންމެ ގާތީ އޭނާ ފަހަތަށް ޖެހިވަޑައިގަތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އާ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ނިންމެވީ ކަމަށް ވިދާޅުވި އެވެ.
ސިނާން އިތުރަށް ވިދާޅުވީ ޕާޓީގެ ރައީސާއި ލީޑަޝިޕަށް އޭނާގެ ނިންމުން އަންގާފައިވާނެ ކަމަށާއި، އެ ނިންމުން ޕާޓީން އިހްތިރާމާ އެކު ބަލައިގެންފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު ހޮވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ސިނާން ދެއްވާފައިވެ އެވެ.




