ވައިގެމަގުން ރާއްޖެއަށް، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއް ކަމުގައިވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އާއި، ނ. ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް (20އ) އާއި އިތުރު ދިވެއްސެކެވެ.
ފުލުހުން ބުނީ ތިން މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ވައިގެ މަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
އިބްރާހީމް އަތޫފްއާއި އަނެއް ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީ ހިންގި އޮޕަރޭޝަންގައި މިމަހުގެ 20 ވަނަ ދުވަހު ހުޅުމާލެއިން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން އެންޑްރޫ ލޮއިޑް ކޯބިންއާއި އިބްރާހީމް އަތޫފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާއަށް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.




