ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްވެ ވިއްސާރަކުރާއިރު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ — މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އެހެން ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެ އެވެ. މޫސުން ގޯސްވާއިރ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި ރާޅުގެ އުސްމިން މިއަދު ހުންނާނީ 2 – 5 ފޫޓާ ދެމެދުގައި ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ދެ ދުވަހުވެސް ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ފާއިތުވި ދެ ދުވަހު ވެރިރަށް މާލެއަށްވެސް ވަރަށް ބޮޑަށް އުދައަރާ ގެއްލުންތަކެއް ލިބިފައިވެ އެވެ.




