އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު އިބްރާހީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފި އެވެ.
އެ އެޖެންސީއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމަކީ މިހާރު ރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވީ އެޕްރީލް 14 ވަނަ ދުވަހު އެވެ.




