ދިވެހި އިތުރު ފާމަސިސްޓުން ތަމްރީންކުރަން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އިން މޯލްޑިވިސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އާއެކު މަޝްވަރާކޮށްފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް ސްޓޭޓްފާމާ އިން ގިނަ އިއުލާނުތަކެއް ކޮށްފައިވާއިރު މި ދާއިރާއިން ތަމްރީން ލިބިފައިވާ ދިވެހިން މަދު ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.
ސްޓޭޓްފާމާ އިން މިދިޔަ މަހުގައިވެސް 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކުރި އެވެ.
އެ ގޮތުން ސްޓޭޓްފާމާ އިން ވަނީ އެމްއެންޔޫ އާ ބައްދަލުކޮށް ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން، މިހާރު ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝާ ކޯސް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް ސްޓޭޓްފާމާ އިން ވަނީ ބުނެފަ އެވެ.
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސްގެ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފަ އެވެ.




