ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ފުންވިލު، ޒައިދު މުހައްމަދު (36އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 26 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ޒައިދު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 7.2 ގުރާމް ހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.




