ސޯލިހަކީ ވެރިކަމުގެ އާރާ ބާރުގެ ފަހަތުން ދުވާ ބޭފުޅެއް ނޫން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަކީ ވެރިކަމުގެ އާރާ ބާރުގެ ފަހަތުން ދުވާނެ ބޭފުޅެއް ނޫން ކަމަށް އެމަނިކުފާނުގެ ކޮއްކޮ އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އަލީ ނިޔާޒު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރައްވާނެތޯ ކުރެވޭ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ދެއްވި ޖަވާބަކަށެވެ.

ނިޔާޒު ވިދާޅުވީ ރައީސް ސޯލިހް ކަންކަން ނިންމަވާނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވައި ފުންކޮށް ވިސްނެވުމަށްފަހު ކަމަށެވެ. އެހެންވެ ރައީސް ސޯލިހްގެ ނިންމެވުންތަކަކީ އިރުއިރުކޮޅާ ބަދަލުކުރައްވާނެ ނިންމެވުންތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހަކީ ގިނަ ބައެއްގެ އިހްތިރާމާއި ތާއީދު އޮތް ލީޑަރެއްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ އެމަނިކުފާނު ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރާ އެތައް ބަޔަކު އެބަތިބި ކަމަށެވެ.

ރައީސް ސޯލިހް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުން ނުވާ ހާލަތެއްގައި އަމަލު ކުރައްވަފާނެ ގޮތްތަކެއްވެސް ނިޔާޒު ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ފުރަތަމަ ގޮތަކީ އެމްޑީޕީގެ ތެރޭގައި އޮތް ސިޔާސީ ހިޔާލުތަފާތުވުންތަކުގައި މިއަދާ ހަމައަށްވެސް އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ބޭފުޅަކަށް ތާއީދު ކުރެއްވުން ކަމަށެވެ. ދެވަނަ ގޮތަކީ އެމަނިކުފާނު ކުރިމަތި ލެއްވިޔަސް ދުރާލައި އިންތިހާބުގައި އެމަނުކުފާނާ ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާ ކޮންމެވެސް އެއް ބޭފުޅަކަށް ތާއީދުކުރެއްވުން ނުވަތަ ތިންވަނަ ގޮތަކީ ހަނު ހުންނެވުން ކަމަށްވެސް ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަން އެދޭނަމަ ރައީސް ސޯލިހްގެ ސިޔާސީ ތަޖުރިބާ އެ ޕާޓީއަށް ބޭނުންވާނެ ކަމަށެވެ.

ނިޔާޒު ކުރެއްވި ޕޯސްޓްގައި ވަނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ ވެރިކަމުގައި ނައިބް ރައީސް ފައިސަލް ނަސީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް އެކުގައި ތިއްބެވި ފޮޓޯއެއްވެސް ހިއްސާކުރައްވާފަ އެވެ. އުއްމީދަކީ އެންމެ މުނާސަބު ވަގުތުގައި ރައީސް ސޯލިހް ނިންމަވާ ގޮތެއް ރައްޔިތުންނަށް އެނގުންް ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *