ފުނަދޫ އަލިފާން: 16 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވުމާ ގުޅިގެން 16 މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުނަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 12 ފިރިހެނުންނަށާއި ހަތަރު އަންހެނުން ކަމަށެވެ.

ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ ފިހިގެންނެވެ. އަދި ދުމުގެ އަސަރުކޮށްގެން ހަ މީހަކަށް ފަރުވާދެމުންދާއިރު ހޭނެތިގެން ގެންދިޔަ ހަތަރު މީހަކަށްވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުނަދޫ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އެ އެއާޕޯޓުގެ ދެ ފަޔަ ފައިޓަރުންވެސް ހިމެނެ އެވެ.

ފުނަދޫ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ހޮސްޕިޓަލްގައި ބަޔަކަށް ފަރުވާ ދެމުންދިޔަ ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އަމިއްލަ ފަރާތަކުން ފުނަދޫގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ ފަޔަމަނުންނާއި، މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަ ފައިޓަރުންނާއި ފުނަދޫ އެއާޕޯޓުގެ ފަޔަ ފައިޓަރުންނާއި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެންނެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް ކަމާގުޅޭ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *