ޓެގް އެޅުވުމަށްފަހު ދެ މީހުން ދޫކޮށްލައިފި

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި ދެ މީހުން ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ނުވަތަ "ވާނުވާ"ގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކަކާއެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން ފަށާފައިވާ ކަމަށް ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހާމަކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ދެ މީހުން ޓެގް އެޅުވުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށެވެ.

މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ދަނީ އެ މީހުން މޮނިޓަ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަކަށް ރިއާޔަތް ކުރުމަށްފަހު އެވެ.

"އެސެސްމަންޓްތައް މި އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށާއި އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

"އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކުރެވިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތި ކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށްވެސް ޕީޖީ އޮފީހުން ދެކެ އެވެ.

"މި އޮފީހުގެ އަމާޒަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ހައްލެއް ގެނައުމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *