ރާއްޖެއަށް ބޭނުންވާ މުހިންމު ބޭހާއި ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި ސްޓޭޓްފާމާ އިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި — އެސްޓްރަޒެނިކާގެ މަންދޫބުންނާއެކު މިއަދު މަޝްވަރާކޮށްފި އެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި ދެ ފަރާތުގެ ދެމެދުގައި ދިގުމުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުން ކަމަށް ސްޓޭޓްފާމާ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ސްޓޭޓްފާމާ އިން ވަނީ ބުނެފަ އެވެ.
ސްޓޭޓްފާމާއިން ބުނީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް މެދުނުކެނޑި މަސައްކަތްކުރާ ކަމަށްވެސް ސްޓޭޓްފާމާ އިން ބުންޏެވެ.




