ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމަހުގެ ދެވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ފޮށީގައި ތިންލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެ ކަމަަށް މައްސަލަ ހުށަހެޅިފަރާތުން މައުލޫމާތު ދިން ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ހުށަހެޅުމާއެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ. އެގޮތުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި އަދި ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން، އެ ފޮށި ވަގަށް ނެގި މީހާ ދެނެގަނެ ފޮށި ގެންދިޔަ ތަން ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ލ. މުންޑު، ސެވެންސްޓަރ، އަލީ ނާޒިމު (44އ) އެވެ.
އޭނާ ހައްޔަރުކޮށް، ވަގަށް ނެގި ފޮށި ހޯދައި ބަލައި ފާސްކުރިއިރު 248,500 އަށް ވުރެ ގިނަ ރުފިޔާއާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7،000 ރުފިޔާގެ މޯބައިލް ފޯނެއް ފެނުނު ކަަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.




