ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުނަގަނީ

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުނަގަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުނަަގަނީ ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނެސްފައިވާތީ ކަމަށެވެ.

ގުރުއަތުލުން ކުރިއަށްދަނީ މިއަދު މެންދުރުފަހު 2:30 ގައި އުސްފަސްގަނޑު ގައެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގުރުއަތުލުމުގައި ބައިވެރިވާނީ މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތައް އެކަންޏެވެ.

ގުރުއަތުލުމުގައި ކޮންމެ ޕްލޮޓަކަށް ގޯތި ލިބުނު އެކަކަށް ބައިވެރިވެވޭނެ އެވެ. ގޯތީގެ ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ބައިވެރިވާނަމަ އެ މީހަކު ހާޒިރުވާން ޖެހޭނީ ގޯތީގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި އެ ފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާ އެކު ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުރު ނަގައި ނިމުމުން ގޯތީގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1،250 އަކަފޫޓުގެ 684 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،242 ގޯއްޗާއި، 2،050 އަކަފޫޓުގެ 923 ގޯއްޗާއި، 2،450 އަކަފޫޓުގެ 479 ގޯއްޗާއި، 2،850 އަކަފޫޓުގެ 158 ގޯއްޗާއި، 3،250 އަކަފޫޓުގެ 49 ގޯއްޗާއި، 3،650 އަކަފޫޓުގެ 22 ގޯތި ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *