މާލެ، ހުޅުލެ އަދި ހުޅުމާލެ އިން މިއަދު ކަރަންޓް ކެނޑުނު މައްސަލައާއި ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފި އެވެ.
މާލެ ސަރަަހައްދުން ކަރަންޓް ކެނޑުނީ މިއަދު 12:30 ހާއިރު އެވެ. އަލުން ކަރަންޓްގެ ހިދުމަތް ދެވުނީ އޭގެ ފަސް ގަޑިއިރު ފަހުން އިރުއޮއްސި 6:30 ހާއިރު އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގްރޭޓާ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާއި ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
"މި މަސައްކަތްތައް، ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލުކުރެވި އާންމު ހާލަތަށް ގެނެވެންދެން ކުރިއަށްދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." ފުލުހުން ބުންޏެވެ.
މާލެ ސަރަހައްދުން މިއަދު ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި އެފަދަ ކަމެއް ތަކުރާރު ނުވާހެން ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ.




