ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޕީގެ މަގާމަށް ކުރިމަތިލެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝަމީމް އެވެ.
ފުލުހުންގެ އިދާރާ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
ސީޕީގެ މަގާމު ހުސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ފުރަތަމަ ސީޕީގެ މަގާމަށް އައްޔަންކުރެއްވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު އެވެ. އެ ފުރުސަަތު ހުޅުވާލީ މިއަދު މެންދުރު 12ގެ ނިޔަލަށެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އެ މަގާމަށް އައްޔަންކުރަން ފެންނަ ބޭފުޅުންގެ ނަންތައް ޕޮލިސް ބޯޑުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.




