ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ބެލެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ހޯދަމުން ދަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށްވެ އެވެ.
ބިދޭސީ މީހާ މަސައްކަތް ކުރާ ތަނުގައި އުޅޭ މީހަކު ވަނީ އެ ބިދޭސީ މީހާގެ ބައެއް މައުލޫމާތާއި ފޮޓޯ ސޯޝަލްމީޑިއާގައި ހާމަކޮށް އޭނާ ފިލައިގެން އުޅޭތީ ހޯދަމުންދާ ކަމަށް ބުނެފަ އެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުންދާތާ 10 އަހަރު ވެފައިވާ ބިދޭސީ މީހާ ވިލިމާލޭގެ ފެކްޓަރީގެ ވަޒީފާއަށް ގެންދިޔައީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭނާގެ ހަށިގަނޑުގައި ގައިންގަޔަށް އަރާ ބައްޔެއް ހުރިކަން އެނގުނީ ވިސާ އާކުރުމަށް މެޑިލަކް ޓެސްޓު ހެދުމުން ކަމަށްވެ އެވެ. ބިދޭސީ މީހާގެ ހަށިގަނޑުން ގައިންގަޔަށް އަރާ ބައްޔެއް ފެނުނު ނަމަވެސް އެއީ ކޮން ކަހަލަ ބައްޔެއް ކަމަށް ސޯޝަލްމީޑިއާގައި މައުލޫމާތު ހިއްސާކުރި މީހާ ބުނެފައެއް ނުވެ އެވެ. އެކަމަކު އެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އެނގޭނެ ކަމަށް އޭނާ ބުންޏެވެ.
މައުލޫމާތު ހާމަކުރި މީހާ އިތުރަށް ބުނީ ބިދޭސީ މީހާ ފަރުވާކުރުމަށް މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން ވިލިމާލޭގެ ފެރީއަށް އެރި ކަމަށާއި ނަމަވެސް އޭނާ ރާއްޖެއިން ބޭރުވެފައި ނެތް ކަމަށް އެޗްޕީއޭ އިން ބުނާތީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މައުލޫމާތު ސޯޝަލްމީޑިއާގައި ހިއްސާ ކުރީ ކަމަށެވެ.
ބިދޭސީ މީހާގެ އެއްވެސް މައުލޫމާތެއް ހާމަކުރަން އެޗްޕީއޭ އިން ބޭނުމެއް ނުވި އެވެ.




