ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަވަހާރަވުމުން، އާޢިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ތަޢުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މެންބަރު އަޙްމަދު ރަޝީދަކީ ސިިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި އަޙްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވާކަމަށާއި މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ މަރްޙޫމް އަޙްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހެއްޓެވުން އެދި ދުޢާ ކުރައްވާފައެވެ.

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ އާޢިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެންބަރ އަޙްމަދު ރަޝީދު (ރަޝީދުބެ) އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަމަށެވެ. އަދި މަރްޙޫމް ރަޝީދުބެގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ނައިބު ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

ކުރީގެ މެންބަރު އަޙްމަދު ރަޝީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްޞީލުކުރެއްވި މެންބަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *