އޯކިޑް ބިލްޑިންގގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
ވަގަށް ނެގި ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓް ސަރަހައްދުގައި މީހަކު އުޅޭ ކަމަށް މައުލޫމާތެއް ލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނެގި ތަކެތިކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ދިލްބަހާރުގެ، އަހްމަދު ނިއުޝަމް (36އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.
ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ އިންޖީނު ސްޕެއާޕާޓްސްއާއި އިލެކްޓްރޯނިކް ތަކެއްޗާއި އަދި އެހެނިހެން ބައެއް ތަކެތިވެސް ހިމެނެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




