ހަންކެޑެ، ހަލާލު ޓޫރިޒަމަށް ހާއްސަކޮށްފި

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަން ތަރައްގީވެފައި ނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިސިޔާސަތުގެ ތެރެއިން ހަންކެޑެ، ހަލާލް ޓޫރިޒަމް ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން މި މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އަދި މަސައްކަތްތައް މިނިސްޓްރީން ފުރިހަމަ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހަލާލު ޓޫރިޒަމަކީ ހާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ
އަދާކުރެވޭ ގޮތަށް، ފަރުމާކޮށްފައިވާ ހިދުމަތްތަކެއް ކަމަށެވެ. މި ކޮންސެޕްޓް ތަންފީޒު ކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ
ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަން މަރުހަލާގެ ތެރެއިން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

އައްޑޫ ސިޓީގެ ހަންކެޑެގައި ތަރައްގީ ކުރެވިގެންދާ ހަލާލް ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ދެކެ އެވެ. އަދި އެގޮތަށް ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި،
އިގުތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށްވެސް ސަރުކާރުން ދެކެ އެވެ.

ހަންކެޑެގައި ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިސަރުކާރުން ވަނީ އޭޕްރީލް 16، 2024 ގައި އަޅާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *