ބިދޭސީންގެ ސިއްހަތާ ބެހޭ ސިޔާސަތު އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު އިފްތިތާހްކޮށްފި އެވެ.

މީރުމާގައި ،މިއަދު ބޭއްވި ހާއްސަަ ރަސްމިއްޔާތެއްގައި މި ސިޔާސަތު އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ހެލްތު މިނިސްޓްރީން ބުނީ މިސިޔާސަތަކީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެމީހުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި އެކުލަވާލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ބޭނުމަކީ ބިދޭސީންގެ އަސާސީ ސިއްހީ ހައްގުތައް ކަށަވަރުކުރުމާ އެކު މައިގްރޭޝަން ސައިކަލްތަކުގެ ހުރިހާ މަރުހަލާއެއްގައި އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުން ކަމަށެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި ކަމާގުޅުން ހުރި އިދާރާތަކާއި ޖަމިއްޔާތަކުގެ ބައިވެރިވުމާ އެކު މިސިޔާސަތު އެކުލަވާލާފައިވަނީ އައިއޯއެމް ޑިވެލޮޕްމަންޓް ފަންޑުގެ މާލީ އެހީތެރިކަމާ އެކު އެެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ އާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަކީ ވެސް އޭގެ އެއް ބޭނުމެވެ.

ސިޔާސަތުގައި ހިމެނޭ މައިގަނޑު ފަސް ދާއިރާ
ސަރުކާރާއި މުޖުތަމައުގެ ނަޒަރިއްޔާތުތައް ބަދަލުކުރުން
ބިދޭސީންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިދިނުން
ސައްހަ މައުލޫމާތު އެއްކުރުމާއި ބޭނުންކުރުން
ނާޒުކުކަން ކުޑަކުރުން
ނިޒާމުތައް ގާއިމުކުރުން
ހެލްތު މިނިސްޓްރީން އިތުރަށް ބުނީ މިނިސްޓްރީން ބުނީ މި ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ސިއްހީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެއްވެސް ތަފާތު ކުރުމެއް ނެތި އެންމެ ފުރިހަމައަށް ކަށަވަރުކޮށްދެވޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *