ކަރަންޓް ކޭބަލްތަކަށް ގެއްލުން ނުދޭން އެދެފި

އައްޑޫ ސިޓީގައި އަޅާފައިވާ ކަރަންޓް ކޭބަލްތަކަށް ގެއްލުން ނުދިނުމަށް ފެނަކަ އިން އިލްތިމާސްކޮށްފި އެވެ.

ފެނަކަ އިން މިކަމަށް އެދިފައި މިވަނީ ރޭ ދަންވަރުން ފެށިގެން އައްޑޫގެ 41 ނަމްބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޭބަލަށް ގެއްލުން ދިނުން ފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި އާންމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން އެފަދަ އަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ އަމަލުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑާއި ފުރާނައަށްވެސް ނުރައްކާ ވެދާނެ ފަދަ ކަމެއް ކަމަށެވެ.

ކަރަންޓް ކޭބަލްތަކަށް ގެއްލުން ދޭ މައްސަލައިގައި ބަލަންޖެހޭ ކަންކަން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ވަނީ އައްޑޫގައި ދެމުންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *