ހުއްދަ ނުނަގައި އިވެންޓްތަކަށް ސްޓޯލް ވިއްކާތީ ސަމާލުވާން އެދިއްޖެ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް އަދި ފެއާ ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް އަދި ފެއާ ބޭއްވުމަށް އެ ކޯޕަރޭޝަނުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންވެ އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން އެޗްޑީސީގެ ޕާމިޓްސް އެންޑް ސާވިސް ސެކްޝަންގެ ނަންބަރު 3356112 އަށް ގުޅައި ޔަގީން ކުރުމަށް އެޗްޑީސީ އިން ވަނީ އެދިފަ އެވެ.

އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަންގެ ހުއްދަ ނެގުމެއް ނެތި މި ގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި ފެއާތަކާއި ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން މިދިޔަ މެއި މަހުގެ 14 ފެށިގެން ވަގުތީގޮތުން ހުއްޓާލާފައިވާކަން ހަނދާންކޮށްދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *