ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި 108,263,248 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަަރުގެ ޖެނުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި 221,796,366 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 104.8 ޕަަސަންޓްގެ އިތުރު އަދަދެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރު އެވެ.
ގްރީން ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ޓޫރިސްޓުން އަތުންނެވެ.
ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގަނީ ރިސޯޓުތަކާއި ސަފާރީތަކާއި ހޮޓާތަކުގައި ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން 6 ޑޮލަރެވެ.
އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނުނަގައެވެ.
ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ހަރަދުކުރަނީ ރަށްރަށުގައި ތިމާވެއްޓާ ގުޅޭ މަޝްރޫއުތައް ހިންގުމަށެވެ.




