ރާއްޖެއަށް ޒިޔާރަތްކުރާ ފިރިހެން ފަތުރުވެރިންނަށްވުރެ އަންހެން ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 53.9 ޕަސެންޓަކީ އަންހެން ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 45 އަހަރާއި 54 އަހަރާ ދެމެދުގެ ފަތުރުވެރިންނެވެ. މި އުމުރުގެ ފަތުރުވެރިންގެ 13.1 ޕަސެންޓަކީ އަންހެން ފަތުރުވެރިންނެވެ. އަދި 9.5 ޕަސެންޓަކީ ފިރިހެން ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ދެން އެންމެ ގިނައިން ޒިޔާރަތްކުރީ އުމުރުން 55 އަހަރާއި 64 އަހަރާ ދެމެދުގެ ފަތުރުވެރިންނެވެ.
މި އުމުރުގެ ފަތުރުވެރިންގެ 11.1 ޕަސެންޓަކީ އަންހެން ފަތުރުވެރިންނެވެ. އަދި 9.5 ޕަސެންޓަކީ ފިރިހެން ފަތުރުވެރިންނެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 16 ޕަސެންޓަކީ އުމުރުން 14 އަހަރުން ދަށުގެ ކުދިންނެވެ. އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ފަތުރުވެރިންގެ ނިސްބަތަކީ 14.1 ޕަސެންޓެވެ.




