"ބިންވެރިޔާ" ހާއްސަ ސްކީމްގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އުސޫލުގެ ދަށުން ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަފޫޓުގެ ގޯއްޗެެވެ.
މި އުސޫލުގައި ހިމެނޭ މައި ކެޓަގަރީތައް
ކެޓަގަރީ-1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް
ކެޓަގަރީ–2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް
ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު ހުޅުވާލި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ ޖޮއިންޓްކޮށް ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓަގަރީއެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.




