މަޝްްރޫއުތައް އަވަސްކުރަން 200 ވުރެ ގިނަ ހެވީ މެޝިނަރީ ގެނެސްްފި

ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުން އަވަސްކުރަން 200 ވުރެ ގިނަ ހެވީ މެޝިނަރީ ރާއްޖެ ގެނެސްފިއެވެ.

މި ތަކެތި ގެނައުމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ޗައިނާގެ އެކްސް.ސީ.އެމް.ޖީ (XCMG) އާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަދުވަހުއެވެ. އާރުޑީސީން ބުނީ ޗައިނާގެ އެކްސް.ސީ.އެމް.ޖީ އަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނިކަމަށެވެ.

މި ތަކެތި ރާއްޖޭ ގެނެސް ދިވަހި ސަރުކާރާއި ހަވާލުކުރުމަށް ތިލަފުށީގައި އިއްޔެ ވަނީ ހާއްސަ ރަސްްމިއްޔާތެއް ބާއްވާފައެވެ. މި ތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ އާރް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ވަނީ ގެނެސްފައިވާކަމަށް އާރުޑީސީން ބުނެއެވެ. އަދި މި މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ހިދުމަތްދޭ މަރުކަޒާކާއި، ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް ގާއިމުކުރާނެކަމަށްވެސް އާރުޑީސީން ވަނީ ބުނެފައެވެ.

މި އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާ ދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ހަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ކަމާގުޅޭ ޒަމާނީ އެންމެހާ މެޝިނަރީ އާއި އިކުއިޕްމަންޓް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މިއަހަރު އެޕްރީލް މަސް ނިމުމުގެ ކުރީން ގެންނާނެކަަމަށެވެ. އަދި މިގޮތަށް ގެނެވޭ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *