މާލެ ޓެކްސީލައިންގެ ހިދުމަތް ފަށައިފި

މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ.

އެމްޓީސީސީ މެދުވެރިކޮށް އޮޕަރޭޓްކުރާ "މާލެ ޓެކްސީ"ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، 150 ކާރާ އެކު ފެށި ހިދުމަތުން ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

އެއާ އެކު، ރައްޔިތުން ބަލައިގަންނަ، އިތުބާރު ކުރާ އަދި އުފާވެރިކަން ގެނެސްދޭ ކަމަކަށް ވާނެ ކަމަށް ސައުދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެކްސީ ލައިނާ އެކު އެންމެ ބޮޑު ހައްލެއް ލިބޭނީ މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބޭ މައްސަލައަށް ކަމަށެވެ.

އެމްޓީސީސީން ބުނީ ޓެކްސީލައިނުން ނަގާނީ، އެ ދަތުރުތަކަށް ޓްރާންސްޕޯޓު މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާފައިވާ އަގެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ ޑިޖިޓަލް ބުކިން ސިސްޓަމް މެދުވެރިކޮށެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓެކްސީލައިންގެ ކާރަކަށް އެދުމުން، އެ މީހަކާ އެންމެ ކައިރީގައި އޮންނަ ކާރެއް ހަމަޖައްސާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *