ކުރީގެ ރައީސުން ނައްޓައިގެން އުޅެނީ އިނާޔަތް ކަނޑާލައިގެން: ގާސިމް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް، ކުރިން ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ދެކޮޅުވަނީ އެ ބޭފުޅުންގެ އިނާޔަތްތައް ކުޑަކުރުމުން އޮތް ނުތަނަސްކަމަކާ ހެދި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލު އިންތިހާބާއެކު މާދަމާ ހިޔާލު ހޯދުމުގެ ވޯޓު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވައެވެ.

މާދަމާ ނަގާ ވޯޓާ ގުޅޭގޮތުން ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތް ކުޑަކުރަން ޖެހުނު ސަބަބާ މެދު އެބޭފުޅުން ވިސްނައިނުލައްވާ ކަމަށާއި އެބޭފުޅުންނަށް ވެރިކަމަށް ވަޑައިގެންނެވުނީ ގައުމަށް އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރި ވިޔަފާރިވެރިންގެ ތާއީދާއެކު ކަމަށެވެ. އަދި ކުރީގެ ރައީސުން އިސްކުރައްވަނީ އަމިއްލަ އެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިނާތްތައް ކުޑަކުރީމަ މި ބޭފުޅުންގެ އޮބްވިއަސް އެބޭފުޅުންނަށް ލިބެންޖެހޭ އާމްދަނީން އެއްވެސް އެއްޗެއް އުނިވާން އެބޭފުޅުން ބޭނުންނުވާ ކަމުގެ ހެކި، ދައުލަތާއި ރައްޔިތުން ކޮންމެ ފަދަ ނިކަމެތި ދަރަޖައަކަށް ވެއްޓިގެންދިޔަ ކަމުގައިވިޔަސް، ކިތަންމެ ބޮޑަށް ދަރަނިވެރިވިޔަސް މި ބޭފުޅުންގެ ހިތުގައި އެއްވެސް ކަހަލަ އަސަރެއް ނެތްކަން، ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ނެތީމާ މިކަހަލަ އެއްޗެހި ވިދާޅުވަނީ ކަންނޭނގެ. އަމިއްލަފުޅަށް އެ ލިބިވަޑައިގަންނަވާ އެއްޗެއް މަދުވެގެންދިޔައީމަ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެބޭފުޅުންނަކީ ދުވަހަކު ވެސް ދައުލަތަށް ބޮޑު ޓެކްސްއެއް ދެއްކެވި ބޭފުޅުންނެއް ނޫން ކަމަށާއި އެއްވެސް މާބޮޑު އިންވެސްޓްމަންޓެއް ކުރެއްވި ބޭފުޅުންނެއް ނޫން ކަމަށެވެ. އަދި ހިޔާލު ހޯދާ ވޯޓާ ގުޅޭގޮތުން ވެސް އެންމެ ހެޔޮ ލަފައެއް ދެވޭނީ ވިޔަފާރިވެރިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމަށް އެންމެ ބޮޑު ފައިދާއެއް ކުރާނީ، ފައިދާއެއް ކުރީމާ އޭގެ އެންމެ ބޮޑު ފައިދާއެއް ލިބޭނީ ވެސް އިންވެސްޓްްކޮށްގެން ތިބި ފަރާތްތަކަށް. ގެއްލުންވަންޏާ ގެއްލުންވާނީ ވެސް، ނިކަމެތިވަންޏާ ނިކަމެތިވާނީ ވެސް. ގައުމު ދެކެ ހަމަގައިމުވެސް ލޯބިވާނީ ވެރިކަންކޮށްފައި ތިބި މީހުންނެއް ނޫން، ގައުމާއި ރައްޔިތުން ދެކެ ލޯބިވާނީ ހަމަގައިމުވެސް އެގައުމަކަށް އިންވެސްޓްކޮށްގެން، ވެހޭ ވޭރެއަކާއި ދިއްލާހާ އަތްވެއްގެ ތެރޭގައި ފަރުފަރުމައްޗާއި ކަނޑުކަނޑުމަތީގަޔާއި ޖަންގަލީ ތެރޭގައި ވާކޮށައިގެން އިންވެސްޓުކޮށްގެން އެތައް ހާސް ބަޔަކަށް މުސާރަދީގެން އުޅޭ މީހުން،" އޭނާ ވިދާޅުވިއެވެ.

ގާސިމްގެ އިތުރުން ރާއްޖޭގެ މަޝްހޫރު އިތުރު ވިޔަފާރިވެރިންތަކެއް ވެސް ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ތާއީދުކޮށްފައެވެ. އެގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ސަން ސިޔާމް ގްރޫޕުގެ ބާނީ އަހުމަދު ސިޔާމް މުހައްމަދާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *