މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފި އެވެ.
ޕީސީބީގެ ރައީސް މުހައްމަދު އަނަސް ސޮއިކުރައްވާ ނެރުނު ސާކިއުލާގައި މައިގަނޑު 08 ފިޔަވަޅެއް އެޅުމަށް އަންގާފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އަޅަން އެންގި ފިޔަވަޅުތައް
ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުން.
ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން.
ރާއްޖެއިން ބޭރަށް ކޮންމެހެންކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާހުން ދަތުރު ނުކުރުން.
ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން.
ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިން ދަތުރުތައް މިވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން.
ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން.
ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން.
މީގެ އިތުރުން ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުމަށާއި ކަރަންޓުގެ ހަރަދު ކުޑަކުރުމަށްވެސް އަންގާފައިވެ އެވެ.




