އިންތިހާބުގައި ވާދަނުކުރަން ސިނާން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް ކަށަވަރުކުރި މުހައްމަދު ސިނާން އިންތިހާބުގައި ވާދަނުކުރުމަށް ކުއްލި ގޮތަކަށް ނިންމަވައިފިއެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ މުހައްމަދު ސިނާން އެ ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.

އީސީން ބައި-އިލެކްޝަން ބޭއްވުމަށް ހުޅުވާލުމާ ގުޅިގެން ޕީއެންސީގެ ޓިކެޓްގައި ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރީ ސިނާންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގައި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ ގޮތުގައި ހުންނެވި އަހްމަދު ސައީދެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީވެސް ސިނާން އެވެ.

ސިނާން އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުން، މިފަހަރުގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުން އެންމެ ގާތީ އޭނާ ފަހަތަށް ޖެހިވަޑައިގަތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އާ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ނިންމެވީ ކަމަށް ވިދާޅުވި އެވެ.

ސިނާން އިތުރަށް ވިދާޅުވީ ޕާޓީގެ ރައީސާއި ލީޑަޝިޕަށް އޭނާގެ ނިންމުން އަންގާފައިވާނެ ކަމަށާއި، އެ ނިންމުން ޕާޓީން އިހްތިރާމާ އެކު ބަލައިގެންފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު ހޮވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ސިނާން ދެއްވާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *