ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނަން: ޑރ. ޝާހް

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަކީ ކުރިންވެސް ދެކެވޭ އެކަމަކު ރަނގަޅުކުރުމަށް ހުރިހާ ސަރުކާރުންވެސް ފަސްޖެހިފައި އޮތްކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ބޭސް ގަނޑުކޮށް ގަނެ، ބޭހުގެ ދަތި ކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ.

މިކަމަށް ހާއްސަ ކުންފުންޏެއް އުފެއްދެވުމަކީ ރައީސް ނެންގެވި ވަރަށް "ބޯލްޑް" ސްޓެޕެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ވަށައިޖެހޭ ހައްލެއް ހޯދުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތް ހިއްސާ ކުރައްވާ ޝާހު ވަނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަތުމަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސްގެ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *