ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް އަމްޖަދު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް، މ. ރަންދޫވިލާ، އަމްޖަދު މުސްތަފާ އައްޔަންކުރައްވައިފި އެވެ.

އަމްޖަދު މުސްތަފާ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަދި އަމްޖަދު މުސްތަފާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އަމްޖަދު މުސްތަފާ ވަނީ ޝަރީއާއިން ލޯ އިން ބެޗްލާސް ޑިގްރީއާއި، މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފަ އެވެ. މިއާއެކު އަމްޖަދު މުސްތަފާއަކީ ގާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ، އަމްޖަދު މުސްތަފާ ވަނީ 2020 ވަނަ އަހަރުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފަ އެވެ. އަދި އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ކަންވެސް ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *