ހިމަބިހި (މީސްލްސް) ގެ ޖުމްލަ ކޭސްތަކުގެ އަދަދު 166 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ 22 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
އެހެންކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 166 އަށް އަރާފަ އެވެ.
ހިމަބިހި ފެތުރެމުންދާތީ ވެކްސިން ދޭން ފަށާފައިވާއިރު މިހާތަނަށް 9،918 މީހަކަށް ވެކްސިން ދީފައިވެ އެވެ.
އެ ގޮތުން ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީންނުވާ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.
މިފަަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ފަރުވާ ހޯދުމަށް ދާއިރު މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައަޅާފައިވާ ބައްޔެކެވެ.




