ލޯނުތައް ދެއްކުމަށް ކުރި ހޭދަ ހިމެނޭ ގޮތަށް ދައުލަތުގެ މި އަހަރުގެ ޖުމްލަ ހަރަދު 35 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުގެ އިތުރުން ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި އިންވެސްޓްމެންޓްސް އަދި ލެންޑިންގްސް ހިމެނޭ ގޮތަށް މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަރަދު ހުރީ 35 ބިލިއަން ރުފިޔާގަ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 26.3 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މިއީ 33 ޕަސެންޓް އިތުރުވުމެކެވެ.
ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 24.5 ބިލިއަން ރުފިޔާގަ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓާއި ކެޕިޓަލްއަށް ހޭދަކުރި 20.2 ބިލިއަނަށްވުރެ 20.9 ޕަސެންޓް އިތުރު އަދަދެކެވެ.
ރިކަރަންޓް ހަރަދުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މި އަހަރު އަށް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 13.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ކެޕިޓަލް ހަރަދަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ފާއިތުވި 2025 ވަނަ އަހަރު މި މުއްދަތުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް ހޭދަކުރީ 7.2 ބިލިއަން ރުފިޔާ އެވެ. އިދާރީ އަދި ހިންގުމުގެ ހަރަދު 10.4 ބިލިއަން ރުފިޔާގައި ހުރިއިރު އިތުރުން ކެޕިޓަލް ހޭދަ ހުރީ 2.5 ބިލިއަން ރުފިޔާގަ އެވެ.
ލޯނުތައް ދެއްކުމަށް މި އަހަރު 9.2 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތަކަށް ހޭދަކުރީ 3.2 ބިލިއަން ރުފިޔާ އެވެ.




