ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އަންނަ މަހު ބަޔަކާ ހަވާލުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން އެ ބަޔަކަށް އެއާ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން އެ ފުރުސަތު ހުޅުވައިލީ އޮގަސްޓް 2024ގަ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ކުރި އިއުލާނުގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލު ގެނެސް ޑިސެމްބަރު 2025 އަދި ޖެނުއަރީ 2026 ގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތަށް އިއުލާނު ކުރި އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތްދޭ ފަރާތުން ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ފަތުރުވެރިން އުފުލަން ޖެހެ އެވެ. މީގެ އިތުރުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން އުފުލަން ޖެހެ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން މި ހިދުމަތް ފަށާ ދުވަސްކޮޅު ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް މަހަކު 50 ގަޑިއިރުގެ ހިދުމަތް ސަރުކާރަށް ހިލޭ ކޮށްދޭން ޖެހެ އެވެ.




