"ޕޮލިސް މެމޯރިއަލް ޑޭ" ގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފި އެވެ.
މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން، ރޭ 12:00ގައި އިސްކަންދަރު ބިލްޑިންގުގައި ހުރި ދިވެހި ފުލުހުންގެ ހިދުމަތުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވާ ދުވަހެވެ.
މި ދުވަސް ފާހަގަކުރަނީ ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނުވަތަ އެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވި އެކިއެކި ހާދިސާތަކުގައި ނިޔާވެފައިވާ ފުލުހުންގެ ހަނދާންތައް އައުކުމުގެ ގޮތުންނެވެ. އަދި އެ ފުލުހުން ގައުމަށްޓަކައި ވެފައިވާ މަތިވެރި ގުރުބާނީއާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ޒިކުރާ އައުކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.
މެމޯރިއަލް ޑޭގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ބަހައްޓާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ، މި ދުވަހުގެ މުނާސަބަތުގައި ބައިދަނޑިއަށް ތިރިކުރެވޭނެ އެވެ.
ފުލުހުންގެ ޚިދުމަތުގައި ދެމިތިއްބާ ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.




