ޑްރަގުގެ ބޮޑެއް ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބެލެވޭ މީހަކު ހުޅުމާލެ އިން ހައްޔަރުކޮށްފި އެވެ.

އެއީ މ. ލިއޯންސް، އަބްދުﷲ ތާއިފް (32 އ) އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ތާއިފަކީ ތާއިފަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވާ މީހެކެވެ. ތާއިފް ކުށްކުރާ ގޮތާއި ކުށުގެ ބާވަތަށް ބަލައި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.

އެހެންވެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުުރުކޮށްފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތާއިފް ވަނީ މއ. މޯނިންވިއު، އާމިނަތު ޝަފަގު (32 އ) މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވާން ގޮސްފަ އެވެ.

ކޯޓުން އަމުރުން އެނގޭ ގޮތުގައި ތާއިފް ހައްޔަރުކުރީ ޝަފަގު އެތެރެކުރި މަސްތުވާތަކެއްޗާ ގުޅިގެން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އެމްޕީއެލް ޓަވަރުގެ ޕާކިންގައި ޕާކްކޮށްފައިވާ ސައިކަލުގެ ޕޮކެޓަށްލުމަށް ޝަފަގާއި ތާއިފާ ދެމެދު ކުރެވުނު މުއާމަލާތްތަކަށްފަހު ސައިކަލުގެ ޕޮކެޓަށް އެ ތަކެތި ލުމުން، ތާއިފު އެތަނަށް ގޮސް އެ ސައިކަލަށް އަރައި ސްޓާޓު ކުރި ވަގުތު އެވެ.

ސައިކަލުގެ ޕޮކެޓްގައި ހުރި މަސްތުވާތަކެއްޗާ ގުޅޭގޮތުން ތާއިފާ ސުވާލުކުރުމުން އޭނާ ޖަވާބު ނުދިން ކަމަށް ފުލުހުން ބުނި ކަމަށް ކޯޓު އަމުރުގައިވެ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ކޮޓަރީގައި ހުރި އަލަމާރީގައި އަޅުވާފައި ހުރި ގަމީހެއްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި އަދި ކޮޓަރިން ޑިޖިޓަލް ކައްޓާ އާއި ހުސް ޖޫސްޕެޓީ ކޮތަޅު ފެނުނު ކަމަށްވެސް އަމުރުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *